ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ގުޅީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
މި 2 މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކ.ގުޅިއަށް ވަޑައިގެން، އެރަށުގައި ބޭއްވިި ޚާއްޞަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. ގުޅީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެރަށު ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންްނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރަބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އަދި ކައުންސިލްގެ ފަރާތުން ފިލައާއި ޙަވާލުވެލެއްވީ ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްއެވެ.
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުއެވެ. މިމަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއެކު 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓްވަނީ ޖަހާފައި ވެެއެވެ.
ގުޅީ ބިންހިއްކުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅީ ހިއްކި ބިމަކީ އެރަށުގެ ތަރައްޤީގެ ގިނަ ކަންކަން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ލޭންޑް ޔޫސްޕްލޭން އެކުލަވާލެވި، ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން އެ ބިމުގައި ކުރުމަށް އެއްބާރުލުންދީ މަގުފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާ ކަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު