ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލައިސަންސް ނުނަގައި އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް ސީއެމްޑީއޭގެ އިލްތިމާސްއެއް!

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެެމްޑީއޭގެ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އެއޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، ރާއްޖޭގައި ޤާނޫނީ ހުއްދަ ނެތް ބައެއް ފަރާތްތަކުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް އާންމުންނަށް ހުށަހަޅަމުންދާ ދަނޑިވަޅެއްގައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ވިދާޅުވީ، ޤާނޫނީ ހުއްދަ ނެތް ފަރާތްތަކުން އެކި ބާވަތްތަކުގެ ސެކިއުރެޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ހިދުމަތް ދެމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. އަދި މި ހިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އާއްމުނަށް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސީއެމްޑީއޭއިން ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ފަންޑް ހިންގުމާއި، އިންވެސްޓްކުރުމަށް ލަފާދިނުމާއި، ފަންޑް މެނޭޖްކުރުންފަދަ މާލީ ހިދުމަތްތައް ދިނުމަކީ އެ އޮތޯރިޓީއިން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަންކަމެވެ. އެހެންކަމުން، ލައިސަންސް ނެތި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން، ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެބާވަތުގެ ކަންކަން ނުކުރުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އާންމުންނަށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތައް ބަލައި، އެފަރާތަކީ ސީއެމްޑީއޭގެ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްފަހު ނޫނީ އެފަދަ ކަންކަމުގައި ބައިވެރިނުވުމަށްވެސް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ލައިސަންސް ނެތި އެފަދަ ކަމެއް ކުރާކަން އެނގޭނަމަ، އެ މައުލޫމާތު އެ އޮތޯރިޓީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ސީއެމްޑީއޭއިން ހާމަކުރާ ގޮތުގައި އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑްތަކުގެ މައުލޫމާތާއި، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެއެވެ. އިންވެސްޓްކުރުމުގެ ކުރިން މި މައުލޫމާތުތައް ޗެކްކުރުމަކީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމަށްޓަކައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ އުފެއްދީ 2006ވަނަ އަހަރުއެވެ. މިއީ މިނިވަން މުއައްސަސާއެކެވެ. ސީއެމްޑީއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރަށް ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު