ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛
- އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
- އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
- އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ
އޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުއެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި، އެ ހާދިސާ އެންމެ ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެ މީހުން ހައްޔަރުކުރީ އެ ހާދިސާ ހިނގި ދުވަހުއެވެ.
އެ މީހުންނަކީ:
- މާޒިން މޫސާ، ލ. މާވަށް ރޭޝަމް
- އަހުމަދު ރައިހާން ނައީމް، މ. ކޯރަސް
- އިބްރާހިމް އަނޫފް، ކ. ގުރައިދޫ އަޅިވިލާގެ
- ހުސައިން ޝަހުދު، ކ. ގުރައިދޫ އަޅިވިލާގެ
އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު