އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލް ސ. ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25، އެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެމްބަރު 4، ގައި ނައުފް ކަސްޓޯޑިއަލް އަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ.
އެ ރޭ އޭނާ ހިފަހައްޓައި ބަލައިފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާ އޮކްޓޯބަރު 13، ގައި ނައުފް ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ މިހާރު ވަނީ މުސާރަ ނުލިބޭގޮތަށް ވަޒީފާ އިން ސަސްޕެންޑުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު