އީރާނުން އަމިއްލައަށް އުފެއްދި ކާގޯ މަތިންދާ ބޯޓުގެ ޓެސްޓް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.
ކާގޯ މަތިންދާ ބޯޓުގެ ޓެސްޓު ދަތުރުތައް ފަށާފައިވަނީ އީރާނުގެ މެދުތެރޭ ޝާހީން ޝަހްރުންނެވެ.
މި ބޯޓުގެ އުދުހުން ޓެސްޓު ކުރުމަށްޓަކައި އެކި ފަހަރުމަތިން 100 ގަޑިއިރު އުދުހޭނެއެވެ.
ޓެސްޓު ދަތުރުތަކަށް ފަހު، އީރާނުގެ ގައުމީ ކާގޯ މަތިންދާ ބޯޓުތަކުގެ ފްލީޓަށް މި މަރުކާގެ ބޯޓުތައް އިތުރު ކުރެވިގެންދާނެ ކަމަށް، އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ބުނެފައި ވެއެވެ.
މިއީ، އެއަރ ކާގޯއާއި، އޭވިއޭޝަންގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އީރާނުން ގަދައަޅައި ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިއީ، އީރާނު އިންޖިނޭރުންގެ އަމިއްލަ ފަރުމާއަށް އަދި އީރާނުގެ އިންޖިނޭރުންގެ އަމިއްލަ އުފެއްދުމެކެވެ.
“ސިމޯރގް” ގެ ނަމުން ނަންދީފައިވާ މި މަރުކާގެ ކާގޯ މަތިންދާ ބޯޓު ތަރައްގީކުރަން 15 އަހަރު ނެގިއެވެ.
މި ބޯޓު ފަރުމާކޮށްފައިވަނީ 2،500 ހޯސް ޕަވަރުގެ ދެ އިންޖީނުން ދުއްވާގޮތަށެވެ.
މި ބޯޓަށް، 6 މެޓްރިކް ޓަނުގެ ކާގޯ، 3،900 ކިލޯ މީޓަރު ދުރަށް އުފުލުމުގެ ގާބިލްކަން ލިބިގެން ވެއެވެ.
އަދި މި ބޯޓަށް ޖުމްލަ 21.5 ޓަނުގެ ބަރުދަނުގެ މުދަލާއެކު އުދުހުމުގެ ގާބިލްކަންވެސް ލިބިގެންވެއެވެ.
މި އުފެއްދުން ކާމިޔާބު ވެއްޖެނަމަ، އަމިއްލައަށް މަތިންދާ ބޯޓު ފަރުމާކޮށް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ދުނިޔޭގެ ވިއްސަށްވުރެންވެސް މަދު ގައުމުގެ ތެރޭގައި އީރާނު ހިމެނިގެންދާނެއެވެ.
އީރާނުން އަމިއްލައަށް ކާގޯ މަތިންދާ ބޯޓެއް މި އުފެއްދީ، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އިގްތިސާދީ އަދި މާލީ އެތައް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެތައް އަހަރެއް ވަންދެން އީރާނު އިނދަޖައްސާލުމަށް ކުރަމުންދިޔަ މަސައްކަތާ އެކުގައެވެ.
އީރާނުން ފައިސާ ދައްކާފައި ހުރި ބޮއިން މަރުކާގެ ތިރީސް އެތައް ބޯޓެއް ހިފަހައްޓައި އަދި މަތިންދާ ބޯޓު އުފެއްދުމަށް ބޭނުންކޮށްފާނެ އެއްވެސް އެއްޗެއްވެސް އީރާނަށް އެތެރެކުރުން އޮތީ މަނާކޮށްފައެވެ.
އެފަދަ އެއްޗެއް ގައުމަކުން ނުވަތަ ކުންފުންޏަކުން އީރާނަށް ވިއްކިކަން އެނގިއްޖެނަމަ އެބަޔަކަށްވެސް ބޮޑެތި އަދަބު ދެއެވެ.
ބޭރު ގައުމުތަކުގެ ބޭންކްތަކުގައި ހުރި އީރާނުގެ ހުރިހާ ފައިސާއެއް ހިފަހައްޓައި ދަތިކުރިއެވެ.
އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ، އީރާނުން ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމާއި އަދި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމަށެވެ.
ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވަން މަސައްކަތް ފެށީ، ނިއުކްލިއަރ ހަތިޔާރު ތަރައްގީކުރަނީ ކަމަށް ބުނެއެވެ. ނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނަމުންދިޔައީ، އެއީ މަދަނީ ހަކަތައިގެ ބޭނުމަށް ނިއުކްލިއަރ އިންޖީނު ގެއެއް ގާއިމްކުރަން ކުރާ ކަމެއް ކަމަށެވެ. ނިއުކްލިއަރ އިންޖީނުގެ ހިންގުމަކީ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އޮންނަ ހައްގެކެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވަން ހުޅަނގުން ދިމާކޮށްލީ، އީރާނުން ބެލިސްޓިކް މިސައިލް އުފައްދައި އިސްރާއީލަށް ނުރައްކާ ކޮށްފާނެ ކަމަށް ބުނެއެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، މިސައިލް އުފައްދިއްދާނެ އެއްވެސް އެއްޗެއް، ޓެކްނޮލޮޖީގެ އެއްވެސް ބާވަތެއްވެސް އީރާނަށް އެތެރެކުރިޔަ ނުދެއެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަނަމަވެސް ލުޔެއް ލިބޭގޮތްވީ، ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ހުޅަނގުގެ ބޮޑެތި ބައެއް ގައުމުތަކާއި އީރާނާ ދެމެދު ދެކެވުނު ވާހަތަކަށްފަހު ހެދުނު އެއްބަސްވުމެއްގެ ތެރެއިންނެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އދގެ ސަލާމަތީ މަޖިލީހުން ފާސްކުރީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހުކޮޅު 2015 ވަނަ އަހަރުގެ ތެރޭގައެވެ.
އެއާއެކު ފެނިގެންދިޔައީ އަނެއްކާވެސް އީރާނު ހިންދެމިލަން މަސައްކަތް ފެށިތަނެވެ.
އީރާނުން އެއްބަސްވުމާ ޚިލާފް ނުވެ، އދއިން ބުނިހާގޮތެއް ހަދަމުން ދަނިކޮށްވެސް، އެކިއެކި ހުއްޖަތް ދައްކައި މިދާކަށް ދުވަހު ހުޅަނގުގެ ގައުމުތަކުން އަނެއްކާވެސްވަނީ އީރާނާ ދެކޮޅަށް ކުރިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކޮށްފައެވެ.
ހަމައެކަނި ވީކަމަކީ، ޒަޔަނިސްޓު އިސްރާއީލުން އީރާނަށް ބޮން އެޅުމުން އީރާނުން ހަމައެކަނި އަމިއްލަ ފަސްގަނޑުގައި ތިބެ އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި އެމެރިކާއާއި އަދި ހުޅަނގުގެ ބޮޑެތި ގައުމުތަކަށްވެސް ސިހުން ލިބިގެންދިއުމެވެ. އީރާނުގެ ގާބިލްކަން ފެނި ބިރުގަތުމެވެ.
ކިޔުންތެރިންގެ ހިޔާލު