ހދ. ކުމުންދޫގެ ތިން ދަނޑަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ، ދަނޑުތަކަށް ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ.
ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު، “މުޅިރާއްޖެ” އަށް ވިދާޅުވީ، ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަމަށާއި، ގެއްލުންދިން ތިން ދަނޑުން ވެސް އެންމެ ބޮޑަށް ހަލާކުކޮށްލާފައިވަނީ ކަރާ ދަނޑުތަށް ކަމަށެވެ.
މިކަން އެނގިފައިވަނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑުތަކަށް ދިއުމުންނެވެ. މިގޮތުން ދަނޑުތަކުގައި ކަރާތައް ފަޅާ ޗިސްކޮށް، މުޅި ދަނޑަށް އުކާލާފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ.
މީގެ އިތުރުން މި މައްސަލައިގައި، ދަނޑުތަކުގައި އިންދާފައިވާ ގަސްތަކުގެ އިތުރުން ދަނޑަށް ފެންދޭން ބަހައްޓާފައި ހުރި ބައެއް ސާމާނުތަކާއި ބޭސްތަކަށް ވެސް ގެއްލުންދީފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.
އަންވަރު އިތުރަށް ވިދާޅުވީ، މިކަން ކުރީ ކޮން ބައެއްކަން މިހާތަނަށް ސާފުވެފައި ނުވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް މަދު ފަހަރަކު ކުމުންދޫގެ ދަނޑުތަކަށް ގެއްލުންދީފައި ހުރި ނަމަވެސް، މި ފަހަރު ދީފައިވާވަރުގެ ބޮޑު ގެއްލުމެއް ދަނޑުތަކަށް ދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު