އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ސޮފްވާން އަހްމަދް 5 އަހަރަށް ސަސްޕެންޑު ކުރަން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފިއެވެ.
ސޮފްވާން ސަސްޕެންޑު ކޮށްފައި މި ވަނީ އޭނާއާ ދެކޮޅަށް ވީއޭއެމްއަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަނުން ހިންގި ތަހުގީގަކަށްފަހުއެވެ.
މި މައްސަލައާ ގުޅިގެން ވީއޭއެމްގެ ފަރާތުން ތަހުގީގުތައް ފަށާ, އަދަބަކާ ހަމައަށް ގޮސްފައިވާއިރު އެ އެސޯސިއޭޝަނުން ވަނީ މި މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް އެކުލަވާލައިފައެވެ.
މި ކޮމިޝަނުން ސޮފްވާންގެ މައްސަލަ ތަހުގީގުކުރުމަށްފަހު ވަނީ, އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން އޭނާ ވަކިކޮށް, ވީއޭއެމްގެ އެއް ވެސް މަގާމެއްގައި ކުރިއަށް އޮތް 5 އަހަރު ތެރޭ ނުހުރެވޭ ގޮތަށް ނިންމާފައެވެ.
މީގެ އިތުރުން ވީއޭއެމްގެ ފަރާތުން ހިންގާ އެއް ވެސް ހަރަކާތެއްގައި މަސައްކަތް ކުރުން ވެސް އޭނާއަށް ވަނީ މަނާކޮށްފައެވެ. ސޮފްވާނަކީ މީގެ ކުރިން ވީއޭއެމްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރެއް ކަމުގައިވިޔަސް މި ތަހުގީގަށްފަހު ވީއޭއެމް ވަނީ އޭނާ އެ މަގާމުން ވެސް ވަކިކޮށްފައެވެ.
ސޮފްވާން, ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އައްޔަނުކުރީ މި ދިޔަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް އޭނާއަށް ދެކޮޅަށް ހުށައެޅުނު މައްސަލަ ތަހުގީގުކުރުމަށް ޓަކައި ވީއޭއެމްއިން ވަނީ ވަގުތީ ގޮތުން އޭނާ ޒިންމާތަކުން އެކަހަރިކޮށްފައެވެ. އެއާއެކު މިއަދާ ހަމައަށް އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ތަމްރީނުތައް ކުރިއަށްގެންދަނީ އެސިސްޓަންޓް ކޯޗު މުހައްމަދު ނަދީމެވެ.
ކިޔުންތެރިންގެ ހިޔާލު