ތ. ވަންދޫ މީހުން، އެ އަތޮޅާ ޖެހިގެން އޮތް ދ. ކުޑަހުވަދުއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ކުޑަހުވަދޫ ކައުންސިލުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ވަންދޫ ރައްޔިތުން އެ ރަށަށް ބަދަލުކުރުމާ ގުޅޭގޮތުން، އެ ރަށުގެ ކަމުވޮށިގެންވާ މީހުންނާ މައުލޫމާތު ހިއްސާކުރުމާއި ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.
ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމް “ވަން” އަށް މިއަދު ވިދާޅުވީ، ކުޑަހުވަދޫން ހުށަހެޅީ، ވަންދޫ މީހުން އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ އެ ރަށަކީ ކުޑަހުވަދޫ ކަމަށް އިހްތިޔާރުކޮށްދިނުމަށް ކަމަށާއި ނަމަވެސް އެކަމުގައި ވަންދޫ ކައުންސިލުން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޝިޔާޒް ވިދާޅުވީ، ކުޑަހުވަދޫގެ ހުށަހެޅުމާ ގުޅޭ ގޮތުން އަންނަ ހަފުތާގައި ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި ކުޑަހުވަދޫގެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
ވަންދޫގައި ރަޖިސްޓްރީވެފައިވަނީ 398 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ، 300 އެއްހާ މީހުންނެވެ.
މަސްވެރިކަމަށް ބަރޯސާވެފައިވާ ވަންދުއަކީ، ތ އަތޮޅުގެވެސް އެންމެ އާބާދީ ކުޑަ އެއް ރަށެވެ.
ވަންދޫ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު، މި ވަގުތު 3،600 މީހުން ރަޖިސްޓަރީގައި ތިބި ކުޑަހުވަދޫން އަންނަނީ، ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު