މީގެ ކުރިން ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ދަނީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މުރާޖަޢާ ކުރަމުންނެވެ. މި ލިސްޓުގައި ހިމެނޭ 976 ދެމަފިރިންގެ ތެރެއިން 645 މީހުންނަކީ މަތީ ޕޮއިންޓު ލިބިގެން ފްލެޓް ލިބޭނެ ފަރާތްތަކެވެ.
“އެއް އާއިލާއަކަށް ތަކުރާރުކޮށް ފްލެޓް ލިބޭގޮތަށް އޮތް އުސޫލަކީ ގަބޫލުކުރެވޭ ކަމެއް ނޫން. މީގެ ސަބަބުން ގިނަ އާއިލާތަކެއް ހައްގުވެރިކަމުން ވަނީ މަހުރޫމުވެފައި،” ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ޓަކައި، ކުރިން ސަރުކާރުގެ ސްކީމަކުން ފްލެޓް ނުލިބޭ ފަރާތްތަކަށް ފްލެޓް ދިނުމަށް ޤާނޫނީގޮތުން ކުރެވޭނެ ކަންތައްތައް ބެލި ނަމަވެސް، ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތުމުން، މިކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނާ މަޝްވަރާކުރުމުންވެސް މިކަން ހުއްޓުވޭނެ ގޮތެއް ނެތްކަން ވަނީ އެނގިފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިޖުތިމާޢީ އިންސާފުގެ ނަޒަރަކުން ބަލާއިރު، އެއް އާއިލާއަށް ދެ ފްލެޓް ލިބުމަކީ ހައްގުވެރި އެހެން އާއިލާތަކަށް ލިބޭ ބޭއިންސާފެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު ލިބިފައިވާ ބައެއް ފްލެޓްތައް ކުއްޔަށް ދިނުމަށް އިޢުލާނުކޮށްފައިވާ ފަރާތްތަކަށް، އެއްބަސްވުމުގައި އެކަން މަނާކުރެވިފައިވާތީ، ފްލެޓް އަތުލެވޭނެކަމުގެ އިންޒާރު ދެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވަނީ ހޮނިހިރު ދުވަހު ވިދާޅުވެއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް ވަނީ އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލާނެ ކަމަށް އިންޒާރުދީފައެވެ.
ކިޔުންތެރިންގެ ހިޔާލު