ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވީ، ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓަކުން އިއްޔެ އަމުރެއް ނެރެފައިވާ ކަމަށެވެ.
“އަމުރާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދެން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ކުރާނަން. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަަސައްކަތް ކުރާނަން،” އުޝާމް ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމްޑީޕީ ސަރުކާރުން ޖުމްލަ 75 ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްބަސްވިގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނެވެ.
ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.
އެ މައްސަލަ ދުބާއީގެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހެޅީ އާބިޓްރޭޝަނުން އަމުރު ކުރުމުން ވެސް ފައިސާ ނުދެއްކުމުންނެވެ.
މި މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރި ތަހުގީގަށްފަހު ޕީޖީ އޮފީހަށް ފޮނުވުމުން ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމައި މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު