މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އޮކްޓޯބަރ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިހާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ކުރިމަތިލި ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެހެންވެ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތުހަމަވެފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދުކަމުގައިވާ ދެ ކެންޑިޑޭޓުން ކަމަށެވެ. އެއީ ށ. ފޭދޫ، މޫނިމާގެ / ޢަބްދުލްޢަޒީޒް އިބްރާހީމް އާއި ގދ. ތިނަދޫ، މަލަ / ޒަމްޢަތު އަޙްމަދު ވަޙީދު އެވެ.
މީގެއިތުރުން އޮންލައިން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މުއްދަތު ހަމަވިއިރު، އެ މަގާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތުހަމަވާ ދެ ކެންޑިޑޭޓުން އެކަނި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެއީ ހދ. ވައިކަރަދޫ، ހިސާން / ޙުސައިން ޘަޤީފް އާއި ގދ. ރަތަފަންދޫ، ވެލީގެ / ސިމާޙާ ނަސީމު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން އިންތިހާބަލާ ނުލައި އެ ފަރާތްތަށް ވަނީ އެ ކޮމިޝަނަށް އިންތިހާބުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު