ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ 4 ވަނަ ހެލްތް ކޭމްޕް މ. މުލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕް ކުރިޔަށްދާނީ މިމަހުގެ 17 އިން 18 އަށް މުލީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މިފަދަ 4 ވަނަ ހެލްތް ކޭމްޕެވެ. 2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ކޭމްޕްތައް ވަނީ ބާއްވާފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގައި 3,800 އަށްވުރެ ގިނަ ހިލޭ މެޑިކަލް ކޮންސަލްޓޭޝަން ވަނީ ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމެވެ.
މިފަހަރުގެ ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ކޮންސަލްޓަންޓުން:
• ޑރ. ޗަންދްރަޝޭކަރް ރާވަލް – ކަރުންމަތީގެ ބަލިތަކުގެ (އީ.އެން.ޓީ) ޚާއްސަ ކޮންސަލްޓަންޓް
• ޑރ. އަލީ ނިޔާފް – ނާރުގެ ބަލިތަކަށް ޚާއްސަ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. މުހައްމަދު ހަބީބް – ކަށީގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. ޖާޔާ ޕްރަކާޝް ނާދަން – ކިޑްނީ ބަލިތަކުގެ ޚާއްސަ ކޮންސްލްޓަންޓް
• ޑރ. މެހްމެޓް އޮޑަރ – ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. މޫސާ މަނިކް އިބްރާހިމް – ހިތުގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
• ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ – އަންހެނުންގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް
މި ކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި މުލީ ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ކައުންސިލް އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ. އަދި މި ކޭމްޕްގެ ދަތުރުތައް ހަމަޖެއްސުމުގައި ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން (ޓީ.އެމް.އޭ) އިން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕްތަކުން، ކޭމްޕް ބާއްވާ ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ސަރަހައްދަށް ދަތުރުނުކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި ހެލްތް ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 15 އޮކްޓޯބަރ ވަނަ ދުވަހުގެ 14:00 ގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެހޮސްޕިޓަލުން އެދެއެވެ.
ކިޔުންތެރިންގެ ހިޔާލު