އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓަށް ސަރުކާރުން ވަނީ އިތުރު 23 ބާވަތް އިތުރުކޮށްފައެވެ.
އެސްޓީއޯ މެދުވެރިކޮށް މުހިއްމު ބައެއް ބާވަތްތަކުގެ ކާނާ ރާއްޖެއަށް އެތެރެކޮށް ވިއްކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓުގެ މަޝްވަރާގެ މަތިން ނިންމެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ ތަރުކާރީއާއި ދިހަ ބާވަތުގެ މޭވާގެ އިތުރަށް އަލުއްވާއި ބިހާއި ފިޔައާއި، ކުކުޅާއި މުގު އެސްޓީއޯއިން ގެނެސް ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކަން ފެށުމަށް ރައީސް ނިންމެވިއެވެ.
އެސްޓީއޯ އިން ބުނީ ރައީސްގެ އެންގެވުމުގެ މަތިން ވަގުތުން އެތަކެތި އޯޑަރު ޖެހި ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޝިޕްމެންޓުތައް ރާއްޖެއަށް އަންނާނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.
މިހާރު އެސްޓީއޯއިން ތައްޔާރުވަމުންދަނީ އެތަކެތި ލިބުމާއެކު އެ މުދާ ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކުމަށެވެ. ނަތީޖާއެއްގެ ގޮތުގައި އަގުއުފުލިފައިވާ ތަކެތީގެ އަގު ހެޔޮވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު