އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސްޑީއެމްޒީ އެންޖީ ހޯދައިފިއެވެ.
މިއީ އުރީދޫން މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ އަތޮޅާއި ރަށް ތަމްސީލުކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިން ފުރަތަމަ އީސްޕޯޓްސް މުބާރާތެވެ.
އުރީދޫން ބުނި ގޮތުގައި އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި އެ މުބާރާތުގައ ކުޅެފައިވަނީ ޕަބްޖީ މޮބައިލްއެވެ. އެ ކުންފުނިން ބުނިގޮތުގައި 16 އަތޮޅެއްގެ 35 ރަށުން 49 ޓީމް ބައިވެރިވި އެ މުބާރާތުގައި 294 ކުޅުންތެރިން ވާދަކުރިއެވެ.
އިއްޔެ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނަވަނައަށް ދިޔަ ޓީމުތަކާއި އެ ރަށްރަށުގެ ކައުންސިލުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތައް:
- އެއްވަނަ: ކޮމަންޑޫ އެސްޑީއެމްޒެޑް އެންޖީ – އިނާމު: 25،000 ރުފިޔާ
- ދެވަނަ ފުވައްމުލައް ސިޓީ އޭކޭޒެޑް – އިނާމު: 12،000 ރުފިޔާ
- ތިންވަނަ ލ. ފޮނަދޫ ޑީއެމްޒެޑް – އިނާމު : 6،000 ރުފިޔާ
- ހަތަރުވަނަ ޓީމް ބީ ކުޑަރިކިލު – އިނާމު : 3،000 ރުފިޔާ
- މޯސްޓް ވެލިއުބަލް ޕްލޭޔާ (އެމްވީޕީ): މާނު، ފުވައްމުލަކު ސިޓީ އޭކޭޒެޑް- އިނާމު 4000 ރުފިޔާ
މި ލީގާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެ ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހޯދައިދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
“މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެމީހަކު ތިބި ތަނަކުން ކުޅެ އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެކެވެ..،” ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ބުނީ އެކުންފުނިން މިހާރު ދަނީ ޑިޖިޓަލް ލައިފްސްޓައިލް ކުރިއަރުވައި، ދިވެހި ހުނަރުވެރިން ކުރިއަރުވައި، ބައިނަލްއަގުވާމީ އީސްޕޯޓްސް ސްޓޭޖަށް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވަމުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު