ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ބުނެފިއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ނިންމިފައެއް ނުވެއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ނިމި، ޗުއްޓީއަށް ދިޔަތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް، މަޖިލިސް ޗުއްޓީގައި ހުރި ދުވަސްވަރުވެސް ދައުރުން ބޭރުގައި ޖަލްސާތަކެއް ބޭއްވުމަށްފަހު، ބައެއް މުހިންމު ޤާނޫނުތައް ފާސްކޮށްފައިވެއެވެ.
ދައުރުން ބޭރުގައި ބޭއްވި ޖަލްސާތަކުން ފާސްކުރި ޤާނޫނުތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ހިމެނެއެވެ. މި ދެ ޤާނޫނަކީވެސް ސަރުކާރުން ވަރަށް އިސްކަންދީގެން ފާސްކުރަން ބޭނުންވި ޤާނޫނުތަކެކެވެ.
މަޖިލީހުގެ ދެވަނަ ދައުރުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޖުމްލަ 27 ޖަލްސާއެއް ބޭއްވިފައިވާއިރު، އެ ޖަލްސާތަކުގައި 46 ގަޑިއިރު ހޭދަވިކަމަށް މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، މަޖިލީހުގެ ކޮމިޓީތަކުގެ 127 ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވެފައިވެއެވެ.
ދެވަނަ ދައުރުގެ ނިޔަލަށް 24 ބިލެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 7 ބިލެއް ފާސްކޮށް ނިންމާފައިވެއެވެ. ބާކީ ބިލުތަކުގެ މަސައްކަތް ތިންވަނަ ދައުރުގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
އަންނަ ތިންވަނަ ދައުރުގައި މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ 2026 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ފާސްކުރުމެވެ. ޤާނޫނުގައިވާ ގޮތުން ނޮވެންބަރު މަހުގެ ނިޔަލަށް ސަރުކާރުން ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭއިރު، ޑިސެންބަރު މަހުގެ ނިޔަލަށް މަޖިލީހުން ބަޖެޓު ފާސްކޮށް ނިންމަންޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު