ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ ރަޝިޔާަގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ރިކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަކަށް ނުކުރާނެކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ރިޕޯޓްތަކަށް ބަލާއިރު، ޔޫ.އެސް ޖިއޮލޮޖިކަލް ސާރވޭއިން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހުގެ އިރުއެރި ވަގުތު ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދުގެ އިރުމަތީ ސަރަޙައްދުގައި ރިކްޓަރ މިންގަނޑުން 7.4ގެ ވަރުގަދަ ބިންހެލުމެއް ރިކޯޑުކުރެވުނެވެ. މި ބިންހެލުމުގެ މައި މަރުކަޒު ހުރީ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީން 111.7 ކިލޯމީޓަރު (69.3 މޭލު) އިރުމައްޗަށެވެ. އަދި ބިންހެލުން ފެށުނީ 39 ކިލޯމީޓަރުގެ ފުންމިނަކުންނެވެ.
މީގެ އިތުރުން ޖަރުމަނުގެ ޖިއޯސައިންސް ރިސާރޗް ސެންޓަރުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ ފަރާތުގައި 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މިއީ ޖުލައި މަހު ބޮޑު ބިންހެލުމަކާއި އަލިފާން ފަރުބަދައެއް ގޮވުމަށް ކުރިމަތިވި ސަރަހައްދެވެ. މި ބިންހެލުން އައީ ބިމުގެ އަޑިން 10 ކިލޯމީޓަރުގެ ފުންމިނުގައެވެ. ޖުލައި މަހު ކަމްޗަޓްކާ ޕެނިންސުލާގެ އިރުމަތީ ސަރަހައްދުގައި އައި 8.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ހަވާއީ، އަލާސްކާ، ޖަޕާން އަދި ރަޝިޔާގެ އިރުމަތީ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ.
ކިޔުންތެރިންގެ ހިޔާލު