ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2900އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 2955 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން، ޖުމްލަ 3070 އެއްބަސްވުމެއް ތާވަލުކުރެވިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހައުސިން މިނިސްޓްރީން ވަނީ 3 ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ އަމަލުކުރަން ނިންމާފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމަވާފައެވެ.
އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމަވާފައެވެ. އަދި 2 ކޮޓަރި ފްލެޓު ދޭން އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
ފްލެޓްތައް ހަވާލުކޮށް މީހުންނަށް އެތަނުގައި ދިރިއުޅެވޭވަރު ވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު