ދިއްދޫގައި ސަރުކާރުން ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް، އޮކްޓޯބަރު މަހުގެ މެދުތެރެއަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒަކީ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރާ މަރުކަޒެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހއ. ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތް އެވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް، ބައްލަވާލައްވާފައިވާކަމަށެވެ.
މިމަޝްރޫޢުގެ %99 މަސައްކަތް މުޅިން ނިމިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިހާރު ކުރަމުންދަނީ މިސްކިތުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކެވެ. އެގޮތުން ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި، އޮކްޓޯބަރު މަހުގެ 15އަށް މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ. އަދި އެ މަރުކަޒުގައި ހަދާ ލައިބްރަރީއަށް ފޮތް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.
އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ. ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ދިއްދުއަކީ އާބާދީގައި 7000އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ. މަސައްކަތަށް ސަރުކާރުން 50 މިލިއަން ރުފިޔާ ހޭދަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު