ޤައުމީ ދުވަހަކީ އަޅުގަނޑުމެން ދިވެހިންނަށް ވަރަށް މުހިއްމު ދުވަހެކެވެ. މިއީ ހަމައެކަނި ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރަންވީ ދުވަހެއް ނޫނެވެ. މިއީ، އަޅުގަނޑުމެންގެ ޤައުމީ ބަޠަލުންގެ ޖިހާދާއި ޤުރުބާނީ ހަނދާންކޮށް، ހިތްތަކުގައި އަށަގަތް ޤައުމީ ލޯބި އާލާކޮށް، އާދަޔާޚިލާފު ހިތްވަރެއް ދިނުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
އަޅުގަނޑުމެންގެ ދިގު ތާރީޚުގެ ތެރެއިން 1558 ވަނަ އަހަރަކީ، ދިވެހި ޤައުމުގެ ކަރުގައި އަޅުވެތިކަމުގެ ހިމަފޮށްޗެއް ޖެހުނު އަހަރެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމުގެ ދަށަށް ރާއްޖެ ގޮސް، ދިވެހި ރައްޔިތުންނަށް އެތައް ހިތްދަތިކަމެއް ތަހައްމަލުކުރަން ޖެހުނެވެ. މިފަދަ ދަނޑިވަޅެއްގައި، ޤައުމަށްޓަކައި އެންމެހާ ކަމަކުން އެއްކިބާވެވަޑައިގެން، އުތީމު މުޙައްމަދު ތަކުރުފާނު ނުވަތަ ބޮޑުތަކުރުފާނު، އެމަނިކުފާނުގެ ލަޝްކަރާއެކު ދިވެހި ޤައުމު މިނިވަންކުރެއްވުމަށް ޖިހާދުގެ ދިދަ ނަންގަވައިފިއެވެ. އެބޭފުޅުންގެ ހިތްވަރާއި ޤުރުބާނީގެ ސަބަބުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުނެވެ. އެހެންކަމުން، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެން، އަޅުގަނޑުމެން ޤައުމީ ދުވަސް ފާހަގަކުރަނީ، އެބޭފުޅުންގެ ޖިހާދު އަބަދުވެސް ހަނދާންކުރުމަށެވެ.
4،000 އަހަރަށްވުރެ ދިގު ތާރީޚެއް ދިވެހި ޤައުމަށް ލިބިފައިވާއިރު، މިނިވަންކަމަކީ މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި އެންމެ މަތިވެރި އެއް ނިޢުމަތެވެ. މިނިވަންކަމުގެ ނިޢުމަތާ ނުލައި، އަޅުގަނޑުމެންނަށް ދިވެހިވަންތަކަމާއި އިސްލާމީ ސިފަތައް ދަމަހައްޓަން ނުލިބުނީހެވެ. ޤައުމުގެ ފަޚުރާއި ޝަރަފު ގެއްލި، ބޭރުގެ ބަޔަކަށް ތަބާވާ ބަޔަކަށް ވެފަހީއެވެ. މިނިވަންކަމުގެ އަގު ވަޒަންކޮށް، އޭގެ ދިފާޢުގައި އަބަދާއި އަބަދު އަޅުގަނޑުމެން ސާބިތުކަމާއެކު ތެދުވެރިވާން ޖެހެއެވެ.
ޤައުމީ ލޯބި އާލާކުރަންވީ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަކަމަކީ، ދިވެހި ގައުމުގެ ދެމިއޮތުމަށްޓަކައެވެ. ޤައުމީ ލޯބި ހިތްތަކުގައި އާލާކުރެވިފައި އޮތް ބަޔަކު، އެބައިމީހުންގެ ޤައުމަށްޓަކައި ކޮންމެ ކަމެއް ކުރުމަށްވެސް ތައްޔާރުވެފައި ތިބޭނެއެވެ. އެފަދަ ބަޔަކު ޤައުމުގެ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެއެވެ. ޤައުމީ ތަރައްޤީއަށްޓަކައެވެ. ޤައުމީ ރޫޙު އާލާވެފައިވާ ބަޔަކު ޤައުމަށް ފައިދާކުރާ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން ބައިވެރިވާނެއެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ އާދަކާދަތަކާއި ސަގާފަތް ދެމެހެއްޓުމަށެވެ. ޤައުމީ ލޯބި ހިތްތަކުގައި އަށަގަންނަވަން ޖެހެނީ، އަޅުގަނޑުމެންނަށް ލިބިފައިވާ މާތް ދިވެހިބަހާއި، ދިވެހި ސަގާފަތާއި، އިސްލާމީ އަގީދާ މިނިވަންކަމާއެކު ދެމެހެއްޓުމަށްޓަކައެވެ. ބޭރުގެ ނުފޫޒުތަކުން މިހުރިހާ ކަމެއް ދިފާޢުކުރެވޭނީ ޤައުމީ ލޯބި ވަރުގަދަވެގެންނެވެ.
އެހެންކަމުން، ޤައުމީ ދުވަހަކީ ހަމައެކަނި ފާހަގަކުރުމަށް އޮތް ދުވަހެއް ނޫނެވެ. މިއީ، އަޅުގަނޑުމެންގެ ކާބަފައިންގެ ޖިހާދުން ލިބުނު މިނިވަންކަމުގެ މަތިން ހަނދާންކޮށް، އެ މިނިވަންކަން ދެމެހެއްޓުމަށް އަޒުމް ކަނޑައަޅަންވީ ދުވަހެކެވެ. ދިވެހި ދިދަ އުފުލައި، ދިވެހި ގައުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައިވާ ލޯބި އާލާކޮށް، ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭނެއެވެ. ދިވެހި ޤައުމަށް ދިގުދެމިގެންވާ އުފާވެރި މިނިވަންކަމެއް މާތްރަސްކަލާނގެ މިންވަރުކުރައްވާށިއެވެ. އާމީން!
ކިޔުންތެރިންގެ ހިޔާލު