އެންމެ މުހިއްމީ ގެދޮރުގެ މައްސަލަ ހައްލުކުރުން ކަމަށާއި، ސަރުކާރުގެ އެ މުހިއްމު ސިޔާސަތު ތަންފީޒުކުރަން އަންނަ އަލަށް ފަށާ މަޝްރޫޢުތަކުގައި ވެސް އެންމެ އިސްކަމެއް ދޭނީ ގެދޮރުގެ މައްސަލަ ހައްލުކުރަން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫޢުތަކެއް ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އއ. ބޮޑުފޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ އާބާދީ ބޮޑެތި ރަށްތަކުގައި ގެދޮރުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، އަންނަ އަހަރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގެދޮރުގެ މައްސަލަ ހައްލުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރިން ވެސް ކަނޑައަޅާފައިވާގޮތަށް ގެދޮރުގެ މައްސަލައިގެ މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެވެ.
“ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް މަޝްރޫޢުތަކުގެ ތެރެއިން އެއް ދާއިރާއަކަށް އެންމެ އިސްކަން ދޭނީ ހައުސިން މަޝްރޫޢުތައް ހިންގުމަށް. އެހެންވީމާ މިއަހަރު ކުރިއަށްގެންދަން ނިންމާފައި ހުރި މަޝްރޫޢުތަކުގެ އިތުރަށް ފަށާ އާ މަޝްރޫޢުތަކުގެ ތެރޭގައި ވެސް އެންމެ އިސްކަމެއް މިދެނީ ގެދޮރުގެ މައްސަލައަށް މިއަންނަ އަހަރުގެ ބަޖެޓުން ވެސް” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ބޮޑުފޮޅުދޫއަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓުގައި މަޝްރޫޢެއް ހިމަނާފައި ނުވިނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި އެރަށުގައި 50 ހައުސިން ޔުނިޓް ޤާއިމުކުރަން ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބަޖެޓުގައި މަޝްރޫޢު ހިމަނައި އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށައި، އެމަސައްކަތް ނިމުމުން ބޮޑުފޮޅުދޫގެ ގެދޮރުގެ މައްސަލައަށް ވަރަށް ބޮޑުތަނުން ހައްލު ލިބިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ އެރަށުގައި އަލަށް ގާއިމުކުރާ ހޭންޑްބޯޅަ ކޯޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައެވެ. އަދި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެރަށު ސްކޫލުގެ ފަސް ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް އާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.
އެރަށުގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅު ބޮޑުފޮޅުދޫގައި ފުޓްސަލް ދަނޑެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޮޑުފޮޅުދޫގައި މީގެކުރިން ހިއްކާފައި އޮތް ހަތަރު ހެކްޓަރުގެ ބިން އޮތީ، ކޮންމެވެސް ސަބަބަކާ ގުޅިގެން އެރަށާ ހަވާލުނުކޮށް ކަމަށާއި، އޭގެ ސަބަބުން އެ ބިމުގެ ބޭނުން ރަށު ރައްޔިތުންނަށް ނުހިފޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅިފައިވަނީ ވެސް އެ ބިމުގެ މައްސަލަ ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. ހިއްކާފައި އޮތް ހަތަރު ހެކްޓަރުގެ ބިން އެމްޓީސީސީއާ ވާހަކަދައްކައިގެން، އެރަށުގެ ބިމުގެ ބައެއްގެ ގޮތުގައި ހިމަނުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު