ގދ. ގައްދޫ ކައުންސިލުން ބިން ކުއްޔަށް ދިނުމުގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
ކައުންސިލުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާޙާ ގުޅިގެންނެވެ. މި އިޞްލާޙުގެ ސަބަބުން، ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ފާސްކޮށްފައިވާ ގައްދޫގެ ބިނާވެށި ޕްލޭނާ އެއްގޮތަށް އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރަމުން އައި ބިންތަކާ ގުޅޭ މުޢާމަލާތްތައް، ކައުންސިލްގެ މި ދައުރުގެ ބާކީ އޮތް މުއްދަތަށް ހިންގުން ވަނީ މަނާކުރެވިފައެވެ.
މިގޮތުން، 2023 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކައުންސިލްގެ މި ދައުރު ނިމެންދެން، ވިޔަފާރީގެ އެކި ބޭނުންތަކަށް ބިން ހޯދުމަށް އެދި ކައުންސިލަށް ހުށަހަޅާފައިވާ 12 ކުލީ ބިމުގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް ޤާނޫނީ ހުރަސްތަކެއް ހުރުމާ ގުޅިގެން، އެ ބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތް ވަނީ ވަގުތީގޮތުން މަޑުޖައްސާލެވިފައެވެ.
ކައުންސިލުން ދެއްވި މަޢުލޫމާތުގައި، ގައްދޫއިން ކުލީ ބިން ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެންމެހައި ފަރާތްތަކަށް މަޢާފަށް އެދި، މި ކަމާ ގުޅޭ އިދާރާއަކުން ކުލީ ބިމުގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެ އުސޫލެއް ކަނޑައަޅައިފިނަމަ، އެ ހިނދުން ފެށިގެން މި މަސައްކަތް އަލުން ފަށާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު