ނޯތު ހާބަރުން ފަސޭހަކަމާއެކު ޚިދުމަތް ލިބި އެ ސަރަހައްދު އިތުރައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެންޕީއެލުން ވިދާޅުވެއްޖެއެވެ.
މާލޭ ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދު ފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. އެމްޕީއެލްއިން މަސައްކަތް ކުރަމުންދަނީ ނޯތު ހާބަރުން ފަަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެމްޕީއެލްގެ މެނޭޖަރ އޮފް ބިޒްނަސް ޑިވްލޮޕްމަންޓު މުހައްމަދު އައިމަން އަލީ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުން އާންމުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ލިބެންޖެހޭ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފެނާއި ތެޔޮ ލިބޭނެ ގޮތް ހެދުމާއި އިތުރު ސްޓޯރޭޖް ފަސިލިޓީތައް ނޯތު ހާބަރުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ނޯތު ހާބަރު ސަރަހައްދަކީ ތޮއް ޖެހުން ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ އިތުރު މަސައްކަތެއް ކުރުމަށް އެތަން ހުސްކުރުމަކީވެސް ފަސޭހަކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރުމަށް ރާވަމުން ދަނީ ޚިދުމަތައް އުދަގޫ ނުވާނެ ގޮތަކަށްކަމަށެވެ.
އައިމަން ވިދާޅުވީ ނޯތު ހާބަރުން ދޭ ބައެއްް ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ކާގޯ އަކީ ކޮންޓެއިނަރުން މުދާ ނަގައިގެން، ދޯނި ފަހަރަށް ބަރުކޮށްގެން ރަށްރަށައް ގެންދާ މުދާކަމަށެވެ. މިފަދަ އުޅަނދު ފަހަރުތައް ތިލަފުއްޓަށް ބަދަލުކުރެވިއްޖެނަމަ ނޯތު ހާބަރުން ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެކަމަށް އައިމަން ވިދާޅުވިއެވެ
ކިޔުންތެރިންގެ ހިޔާލު