ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައި، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ޕްރޮޖެކްޓަކީ ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަޑްނަސް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި ފެސިލިޓީ ގާއިމުކުރަނީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީގައެވެ.
މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރަސަތު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލައްވާފައެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދެވޭނީ ބޭންކުގެ ޕްރޮކިއުމަންޓް އިންސްޓްރަކްޝަންސް ފޯ ރެސިޕިއެންޓްސް (ޕީއައިއާރު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންޓަނޭޝަނަލް އޯޕން ކޮމްޕެޓިޓިވް އުސޫލުތަކާ އެއްގޮތަށެވެ. މީގެ އިތުރުން، މި ބީލަމަކީ ޕީއައިއާރުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ބީލަމެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500ރ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ 2025 ޖުލައި 9 އިން ފެށިގެން 2025 އޮގަސްޓް 21 އާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އާ ހަމައަށް، މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 26،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. މި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 178 ދުވަސްކަމަށް މިނިސްޓްރީން ވަނީ ބަޔާންކުރައްވާފައެވެ.
ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޑިޕާޓްމަންޓުގެ ޖަލްސާ ކުރާ މާލަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު