މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފިއެވެ. މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ، މޭ މަހުގެ 20ވަނަ ދުވަހު، މުލީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މިމަހުގެ 15ވަނަ ދުވަހުން ފެށިގެން މުލީ އެއަރޕޯޓަށް ދަތުރުތައް ބޭއްވޭގޮތަށް ރީޖަނަލް އެއަރޕޯޓްސްއިން، އޮޕަރޭޓަރުންނަށް ފުރުޞަތު ހުޅުވާލިއެވެ. މުލީ އެއަރޕޯޓަށް ދަތުރުކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ޝަޢުގުވެރިކަން ފާޅުކުރީ މޯލްޑިވިއަންއިން އެކަނިކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.
އަދި އިއްޔެއިން ފެށިގެން ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ވަނީ މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. ފުރަތަމަ ޚިދުމަތް ފަށާއިރު މޯލްޑިވިއަންއިން މުއްޔަށް ދަތުރުތައް ބޭއްވުމަށް ތާވަލުކޮށްފަވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުއެވެ. އެގޮތުން އިއްޔެ ފުރަތަމަ ކޮމާޝަލް ފްލައިޓް މާލެއިން ފުރީ 15:30ގައެވެ. އަދި މުލިން މާލެއަށް ދަތުރުކުރީ 16:45ގައެވެ.
ފްލައިޓްގެ ޑިމާންޑަށް ބަލާ، ކުރިމަގުގައި ޝެޑިއުލް ދަތުރުތައް އިތުރުކުރާނެއެވެ. އަދި ދަތުރުތައް ބާއްވަން ބޭނުންވާ އެހެން އެއަރލައިންތަކަށްވެސް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
މުލީ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
މުލީ އެއަރޕޯޓްގައި 40އެއްހާ މުވައްޒަފުން މަސައްކަތްކުރާނެއެވެ. މުލީ އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ބޭއްވީ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ.
މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު އެއަތޮޅުގެ އާބާދީ 8000އާ ގާތްކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު