އިންސާނީ މުޖުތަމައުގެ ބިންގާ އެޅިފައިވަނީ އިތުބާރާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންނަށް ފެންނަމުންދަނީ ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނޭދެވޭ އަސަރުތަކެވެ. މި ނުރައްކާތެރި ކަންތައްތަކުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލި، އިޖުތިމާއީ ގުޅުންތައް ވަނީ ބަލިކަށިވެފައެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން މާތް ރަސްކަލާންގެ ވަނީ ދޮގު ހެދުން ހަރާމް ކުރައްވައިފަ އެވެ. މާތް ރަސްކަލާނގެ ވަނީ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވައިފަ އެވެ. ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވަނީ ހަރާމް ކުރައްވައިފައެވެ. މި އަމުރުފުޅުތަކުން އަޅުގަނޑުމެންނަމެންނަށް އެނގިގެންދަނީ އިސްލާމްދީނުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ދެވިފައިވާ މަތިވެރި މަޤާމެވެ.
މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ގަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެއް ކަމަށާއި ދޮގު ޚަބަރު ފެތުރުމަކީ ހައްގު އޮޅުވާލުން ކަމާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާނެއެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭ ކަަމަށާއި މުޖުތަމައުގައި ފެތުރޭ ވާހަކަތަަކުގެ ހަގީގަތް ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ.
ހައްގުގެ މަގަށް މަގުދައްކައި އިސްލާހު ކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މީހުން މެދުވެރި ކުރައްވާ ބާތިލު އަހުލުވެރިންގެ މައްޗަށް ހުރަސް އަޅުއްވާނެ ކަަމަށާއި ފަސާދައިގެ އަހުލުވެރިންނާއި ދެކޮޅު ހަދާނެ ބަޔަކު ނެތް ނަމަ އެ މީހުންގެ ނުބައިކަން ދުނިޔެއަށް އާއްމުވެގެން ގޮސް މީސްތަކުންގެ މަސްލަހަތު ގެއްލިދާނެއެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމާ ދެކޮޅަށް ތެދުވެ، ހެޔޮކަމަށް އަމުރުކޮށް ނުބައިކަމުން ނަހީކުރުމުގެ ވާޖިބު އަދާކުރަންޖެހެއެވެ.
ދުނިޔަވީ ހަޔާތަކީ ހެވާއި ނުބަޔާ ދެމެދުގައި ކުރެވޭ މެދުކެނޑުމެއް ނެތް ހަނގުރާމައެއް ކަމުގައެވެ. ގިޔާމަތަށް ދާންދެން މި އަރާރުންތައް ކުރިއަށް ދާނެއެވެ. މި ހަނގުރާމައިގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ މުހިންމު ދައުރެއް އެބައޮތެވެ. އެއީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މަތީ ދެމިތިބުމެވެ. އަޅުގަނޑުމެންގެ ދޫތައް ރައްކާތެރިކޮށް، ދައްކާ ކޮންމެ ވާހަކައެއްގެ ޒިންމާ އުފުލުމެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުރައްކާތެރިކަން އަޅުގަނޑުމެން އެންމެންނަށްވެސް ވިސްނަންޖެހެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން، މުޅި މުޖުތަމަޢުއަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މީސްތަކުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ގުޅުންތައް ވަރަށް ބޮޑަށް އަނދިރިވެގެންދެއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ސުވާލުކޮށްލަންޖެހެއެވެ. އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައަކީ ތެދު ވާހަކައެއްތޯ؟ އަޅުގަނޑުމެން ފަތުރާ ކޮންމެ ޚަބަރަކީ ޔަޤީންކަން އޮތް ޚަބަރެއްތޯ؟ އަދި އަޅުގަނޑުމެންގެ ބަސްތަކުން އެހެން މީހުންނަށް ގެއްލުމެއް ލިބިދާނެތޯ؟
އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވާ ކަމެއް އެއީ “ތަބައްޔުން” ނުވަތަ ކަށަވަރުކުރުމެވެ. އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ލިބުމުން، އެކަމުގެ ޙަޤީޤަތް ބެލުމަށްފަހު މެނުވީ އެކަމެއް ޤަބޫލުނުކުރުމަށް އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވައެވެ.
އެހެންކަމުން ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ސުލްޙަމަސަލަސްކަމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި ކަންކަމުން ދުރުހެލިވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މަތީ ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. އަޅުގަނޑުމެންގެ ދޫތައް ރައްކާތެރިކޮށް، ދައްކާ ކޮންމެ ވާހަކައެއްގެ ޒިންމާ އުފުލައި، ހެޔޮކަމަށް އަމުރުކޮށް ނުބައިކަމުން ނަހީކުރުމުގެ މަތިވެރި އަޚްލާޤު އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރަމާ ހިނގާށެވެ.
ކިޔުންތެރިންގެ ހިޔާލު