ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށާއި، ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓު “ފްރީޑަން ފްލޮޓިލާ” ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދުއްވަނިކޮށް އިސްރާއީލުން ޑްރޯން ފޮނުވައި އެ ބޯޓަށް ބޮންއަޅައިފިއެވެ.
އިސްރާއީލުން އެ ބޯޓަށް ބޮންއަޅާފައިވަނީ މޯލްޓާ ކައިރިން ދަތުރުކޮށްފައި ދަނިކޮށެވެ. މިއީ “ދަ ފްރީޑަމް ފްލޮޓިލާ ކޯލިޝަން” ގެ ނަމުގައި ބައިނަލްއަގްވާމީ އެކްޓިވިސްޓުން ކުރިއަށްގެންދަން ރޭވި މިޝަންއެކެވެ.
އިސްރާއީލުން ފޮނުވި ޑްރޯން ހަމަލާދިނީ ސީދާ ބޯޓުގެ އިންޖީނަށް ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބޯޓު ދަތުރު އިންތިޒާމުކުރި ފަރާތްތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، އިސްރާއީލުން އެ ބޯޓަށް ދެފަހަރަށް ހަމަލާދިން ކަމަށާއި، އެއް ހަމަލާ އަމާޒުކުރީ ބޯޓުގެ ކުރީކޮޅަށް ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން ބޯޓު ފެތިދާނެކަމުގެ ބިރު އުފެދި، އެހީއަށް އެދިގެން މީހުން ސަލާމަތްކުރަން ކުޑަ ބޯޓެއް އެ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޣައްޒާއަށް އެހީ ހިފައިގެންދިޔަ “ފްރީޑަމް ފްލޮޓިލާ” ގައި ދުނިޔޭގެ 21 ގައުމަކަށް ނިސްބަތްވާ 31 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އިންސާނީ ހައްގުތަކުގެ އެތައް އެކްޓިވިސްޓުންވެސް ހިމެނެއެވެ.
ބޯޓުގައި ތިބި މީހުންގެ އަދަދާ ގުޅޭގޮތުން މޯލްޓާ ސަރުކާރުން ދޮގު މައުލޫމާތު ފަތުރާފައިވާތީ، ބޯޓު ދަތުރުކުރި އިންތިޒާމުކުރި ފަރާތުންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. މޯލްޓާ ސަރުކާރުން ބުނެފައިވަނީ، “ފްރީޑަމް ފްލޮޓިލާ” ގައި ތިބީ 16 މީހުން ކަމަށެވެ. އަދި މޯލްޓާއިން ފޮނުވި ޓަގް ބޯޓަށް އަރަން އެމީހުން ދެކޮޅު ހަދާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ނަމަވެސް “ފްރީޑަމް ފްލޮޓިލާ” އިން ބުނަނީ، އެ ބޯޓުގައި 16 އެކްޓިވިސްޓުނާއި 15 ކްރޫ މެމްބަރުން އެބަތިބި ކަމަށެވެ. ޑްރޯން ހަމަލާއާ ގުޅިގެން ބޯޓުގައި ދަތުރުކުރި އެއްވެސް މީހަކަށް ކަމެއް ނުވެއެވެ. ނަމަވެސް، އިންޖީނު ރޫމްގައި އަލިފާން ރޯވެ އަނދަމުންދިއުމާއި، ބޯޓު ފެތިދާނެކަމުގެ ބިރު އެބައޮތް ކަމަށް ވެއެވެ.
ބޯޓުގައި ތިބީ މުޅިންވެސް މަދަނީ އެކްޓިވިސްޓުންނެވެ. އެއީ ހަނގުރާމަވެރި ނުވަތަ ހަތިޔާރުން ކަންކުރަން މަސައްކަތްކުރާ ބައެއް ނޫނެވެ.