ހދ. ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅު ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައި މިއަދު ރައީސް ނެރުއްވި ގަރާރުގައި ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ ވަނީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި އިތުރުކޮށްފައެވެ.
އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ހިރިނައިދޫއަކީ ނެއްލައިދޫ ކައިރީ އޮންނަ ގާތްގަނޑަކަށް 7.40 ހެކްޓަރުގެ ފަޅު ރަށެކެވެ.