ސްޓެލްކޯގެ ސްކޮލާޝިޕްތަކާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް މާދަމާ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަނެއް މާދަމާ ދުވަހުގެ ހެނދުނު 11:00 އިން މެންދުރު 12:00 އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެ ކަމަށެވެ.

އެ ސެޝަންގައި ސްކޮލާޝިޕްތަކާ ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ކަމަށާއި އޭގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަނެއް އެ ދުވަހުގެ މެންދުރު 1:00 އިން 2:00 އަށް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަނަށް ރަޖިސްޓާވުމަށް އެދި [email protected] އީމެއިލް ފޮނުވުމުން މީޓިން ލިންކު ހިއްސާކުރެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” ސްކީމުގެ ދަށުން ބެޗެލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ސްކޮލާޝިޕް ސްކީމުގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ އިރު، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާ އިން އެއް ޖާގަ އާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާ އިން ދެ ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.

އެ ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންނާއި އަދި ފޯން ނަންބަރު 3338236 / 3338480 އަށް ގުޅުމުން ލިބޭނެ ކަމަށާއި [email protected] އަށް އީމެއިލް ކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.