ރިޔާސީ އިންތިޚާބުގެ މިހާރުގެ ނިޒާމު ބަދަލުކޮށް، ޕްރެފަރެންޝަލް ވޯޓިންގ ނިޒާމަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ޚިޔާލަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.
Preferential vote aai eku nama eh burun vote laa ninmaa sarukaareh ufadhdhaa usoolakee rangalhu usooleh kamah alhugandu ves dheken.
— Mohamed Nasheed (@MohamedNasheed) April 20, 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ނިންމަވާފައިވާކަން ރައީސް މުޢިއްޒު ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ދަނީ ދިރާސާތައް ކުރަމުންނެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ދަނީ “ޕްރެފަރެންޝަލް ވޯޓިންގ” ހޭޝްޓެގާއެކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރައްވަމުންނެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޕްރެފަރެންޝަލް ވޯޓިންގ ނިޒާމާއެކު އެއް ބުރުން ވޯޓުލައިގެން ސަރުކާރެއް އުފެއްދުމުގެ އުސޫލަށް ތާއީދުކުރައްވާ ކަމަށެވެ.
ޕްރެފަރެންޝަލް ވޯޓިންގ ނިޒާމަށް ތާއީދުކުރައްވާ ފަރާތްތަކުގެ ނަޒަރުގައި، މި ބަދަލާއެކު ރިޔާސީ އިންތިޚާބުގެ ދެ ބުރަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، އަދި މެޖޯރިޓީ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން ސާފުކޮށް އެނގިގެންދާނެއެވެ.