ދިވެހި އަސްކަރިއްޔާގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވުނު ޕެރޭޑުގައި، އަސްކަރިއްޔާއަށް އަލަށް ގެނެވުނު ޒަމާނީ އުޅަނދުތައް ޢާންމުކޮށް ދައްކާލެވިފައިވެއެވެ. މި ޕެރޭޑު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޕެރޭޑުގައި ދެއްކުނު އާ އުޅަނދުތަކަކީ ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވުނު އާމާޑް ވެހިކަލްތަކެކެވެ. މި ވެހިކަލްތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން، އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް، މޭޖަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ މިއީ އަޖުބާން ކުންފުނީގެ އެންމެ ޒަމާނީ ވެހިކަލްތަކެއް ކަމަށެވެ. އަދި މި ވެހިކަލްތަކަކީ އެކި ބާވަތުގެ ބިންގަނޑުތަކުގައި ދުއްވުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ އުޅަނދުތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ވެހިކަލްތައް އޭރިއާ ކޮމާންޑުތަކާއި މާލޭ ސަރަޙައްދުގައި ބޭނުންކުރެވުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި، މިއީ ޤައުމުގެ ދިފާޢީ ނިޒާމަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށް މޭޖަރ ސަޢީދު ވިދާޅުވިއެވެ. އަދި މިފަދަ ބާވަތުގެ އުޅަނދުތައް ދިވެހި އަސްކަރިއްޔާއަށް ގެނެވުނީ މިއީ ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ޕެރޭޑުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ފާހަގަކޮށް، ޤައުމުގެ ދިފާޢަށް އަސްކަރިއްޔާ ތައްޔާރަށް އޮތްކަން ދެއްކުމެވެ. މީގެ އިތުރުން، ރައްޔިތުންނާއި ޅަފުރައިގެ ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ޕެރޭޑުގެ މުހިންމު މަޤްޞަދެކެވެ.