މިއަހަރު މާލެ ސަރަހައްދުގައި ކަރަންޓު ބޭު ބޭނުންކުރުން އެންމެ މަތި ހިސާބަކަށް އަރާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލާ ގުޅިގެން އިހްސާސްކުރެވޭ ހޫނުމިން އިތުރުވަމުންދާކަން ފާހަގަކުރައްވައި، ފަހުމީ ވަނީ މި މަޢުލޫމާތު އިޖުތިމާޢީ މީޑިއާ މެދުވެރިކޮށް ހިއްސާކުރައްވާފައެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި ކަރަންޓު ބޭނުންކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް އެއަރ ކޮންޑިޝަނަރު ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރުމަށް ފަހުމީ ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
“މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރުން އެންމެ މަތިވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ މެންދުރުފަހު 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ މެންދުރު 13:00 ގައި މާލޭގެ ކަރަންޓު ބޭނުންކުރުން ހުރީ 111 މެގަވޮޓްގައި” މިފަދައިން ފަހުމީ ވިދާޅުވިއެވެ.
މި ހާލަތުގައި ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވެ، ފަރުދީ ފެންވަރުގައި ކަރަންޓު އިޤްތިޞާދުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
“ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާހިނގާށެވެ!” މިފަދައިން ފަހުމީ އެމެސެޖް ނިންމަވާލެއްވިއެވެ.
ފަހުމީ މިފަދައިން ވިދާޅުވެފައިވާއިރު، ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ކަރަންޓު ބިލް ބޮޑުވުމުގެ ކަންބޮޑުވުމަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުމެއްކަން ސްޓެލްކޯއިން ކުރިން ވަނީ ހާމަކުރައްވާފައެވެ.