ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

މޯލްޑިވިއަންގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށާނީ

މޯލްޑިވިއަން އެއަރލައިންސްގެ ވައިޑްބޮޑީ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށްޓަކައި އެއްބަސްވުންތަކެއް ވަނީ ވެވިފައެވެ. އަދި މި ދަތުރުތައް ކައިރި މުސްތަޤުބަލެއްގައި ފެށޭނެކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދީފިއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙްމަދު ރަމީޒް ވިދާޅުވީ، ވައިޑްބޮޑީ ޚިދުމަތް ފެށުނު ފަހުން ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށެވެ. މިހާރު މޯލްޑިވިއަންގެ ވައިޑްބޮޑީ ދަތުރުތައް ކުރަމުންދަނީ ޗައިނާގެ ތިން މަންޒިލަކަށެވެ.

އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ތައްޔާރީތައް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، މިކަމާ ގުޅޭގޮތުން ފަތުރުވެރިކރިކަމުގެ ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ރަމީޒް ވިދާޅުވިއެވެ.

“މިވަގުތު ޔޫރަޕް އަދި ދެކުނު އެފްރިކާގެ މާކެޓްތައް ދަނީ ދިރާސާކުރަމުންނެވެ. އަދި ޕާޓްނަރުންނާ ބައްދަލުކޮށް، އެއްބަސްވުންތަކަކަށްވެސް ވަނީ ވާސިލުވެވިފައެވެ. ވަރަށް އަވަހަށް ދެކުނު އެފްރިކާއަށް އޮޕަރޭޝަންތައް ފެށިގެންދާނެއެވެ.” މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙްމަދު ރަމީޒެވެ.

ރަމީޒް އިތުރަށް ވިދާޅުވީ، ވައިޑްބޮޑީ ޚިދުމަތުން މިހާތަނަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެ އިޤްތިޞާދީ މަންފާވެސް ރާއްޖެއަށް ލިބެމުންދާ ކަމަށެވެ.

“އެވްރެޖްކޮށް ކޮންމެ ފަތުރުވެރިއަކު 500 ޑޮލަރު ޚަރަދުކުރާކަމަށް ބެލިކަމުގައިވިޔަސް، ހަތަރު މަސްދުވަހުގެ މުއްދަތަށް ބަލާއިރު، ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު މީރާއަށް ވަންނާނެއެވެ. މިއީ ހަމައެކަނި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ. މީގެ އިތުރުން، ހުރުމާއި އެހެނިހެން ޚަރަދުތަކަށް ބަލާއިރު، މި ޚިދުމަތުން 9-10 މިލިއަން ޑޮލަރުގެ ޙިއްޞާއެއް އިޤްތިޞާދަށް ކުރާނެކަމަށް ލަފާކުރެވެއެވެ.” މިފަދައިން ވިދާޅުވީ މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙްމަދު ރަމީޒެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނެވުނު ވައިޑްބޮޑީ މަތިންދާ ބޯޓަކީ 264 ފަސިންޖަރުންގެ ޖާގައިގެ އެއަރބަސް އޭ330-200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ. މިވަގުތު ވައިޑްބޮޑީގެ ދަތުރުތައް ކުރެވެމުންދަނީ ޗައިނާގެ ބެއިޖިންގ، ޝަންގހާއީ އަދި ޗެންގދޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ދެވަނަ ވައިޑްބޮޑީ މަތިންދާ ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. ކުންފުނީގެ އަމާޒަކީ މި އަހަރުގެ އޮކްޓޯބަރު މަހުގައި ދެވަނަ ބޯޓު ރާއްޖެއަށް ގެނެސް ޚިދުމަތް ފެށުމެވެ.

މި ތަރައްޤީތަކާއެކު، މޯލްޑިވިއަން އެއަރލައިންސްއިން ދެކުނު އެފްރިކާއަށް ވައިޑްބޮޑީ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިޤްތިޞާދީ ގޮތުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މޯލްޑިވިއަން އެއަރލައިންސްގެ މި ފުޅާވަމުންދާ ޚިދުމަތްތަކަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އައު ޞަފްޙާއެއް ހުޅުވާލުމުގެ އިތުރުން، ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށްވެސް ލަފާކުރެވެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ފާޅުކުރައްވާ ޚިޔާލުތަކަށް ބަލާއިރު، މި ތަރައްޤީތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ހަކަތައެއް ގެނެސްދޭނެ ކަމެއްކަމަށް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

TTH_advertisement ELL Mobile Advertisement