ތުރުކީވިލާތުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިވެ، އަމިއްލަ އުފެއްދުންތައް ވިއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ތުރުކީވިލާތުގައި ޤާއިމްވެފައިތިބި ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގެ ސަބަބުން އިންވެސްޓްމެންޓުގެ އިތުރުން ވިޔަފާރީގެ ފުރުޞަތުތައްވެސް ވަރަށް ބޮޑަށް ފަހިވެގެންދާނެކަމަށެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ، ކުރިއަށްއޮތްތާނގަވެސް މިފަދަ ބައްދަލުވުންތައް ބޭއްވިގެންދިއުމަށް އުންމީދުކުރާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރިންގެ އިތުރުން ތުރުކީވިލާތުގައިގައި ގާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކުރައްވައި އެބޯޑުގެ ޗެއާމަނާއި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި ތުރުކީއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތައް ޤާއިމުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.