ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން އަލަށް ތަޢާރަފުކޮށްފައިވާ “ސީޑްސް” ޕްރޮގްރާމުގެ ފުރަތަމަ މަރުޙަލާ ރަމަޟާން މަހަށްފަހު ހުވަދު އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސީބީއެމްއިން ހާމަކޮށްފިއެވެ.
ސީބީއެމްގެ ރައީސް މުޙައްމަދު ފައިޞަލް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ސީޑްސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ބައެއް ރަށްތައް ޚިޔާރުކޮށްފައެވެ. އޭގެ ތެރެއިން ގދ. ތިނަދޫން މި ޕްރޮގްރާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، ރަމަޟާން މަހަށްފަހު އެ ރަށުގައި މި ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފައެވެ.
ރަމަޟާން މަސް ނިމުމާއެކު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯޗުން ތިނަދުއަށް ފޮނުވާނަން. ސީޑްސް ޕްރޮގްރާމުގައި އަޅުގަނޑުމެން އިސްކަންދެނީ ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ފަދަ ރަށްރަށަށް،- ފައިޞަލް ވިދާޅުވިއެވެ.
ދިވެހި ކްރިކެޓް އާ މަރުޙަލާއަކަށް ގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، ސީބީއެމްއިން ވަނީ ކްރިކެޓް އެކަޑަމީއެއް ތަޢާރަފުކޮށް، އޭގެ ޙަރަކާތްތައް ފެށުމުގެ ތައްޔާރީތައްވެސް ފުރިހަމަކޮށްފައެވެ. ފައިޞަލް ވިދާޅުވި ގޮތުގައި ކްރިކެޓް އެކަޑަމީގެ އޮނިގަނޑު މިހާރު ވަނީ ނިމިފައެވެ. އަދި ރަމަޟާން މަހަށްފަހު ކުދިން އެންރޯލްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މާލޭގައި ކުޑަކުދިންނަށް ޚާއްޞަ ކްރިކެޓް ކާނިވަލެއް ބޭއްވުމަށްވެސް ރޭވިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި އަހަރުގެ ކަލަންޑަރުގައި ހިމެނޭ ޙަަރަކާތްތަކާ ގުޅޭގޮތުން ފައިޞަލް ވިދާޅުވީ، ދެވަނަ ކުއާޓަރުގައި އިންޓަރ ސްކޫލް މުބާރާތްތައް ބޭއްވުމަށްޓަކައި ތާރީޚެއް ކަނޑައެޅުމަށް މިހާރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި ކްލަބް މުބާރާތްތަކުގެ ކުރިން އޮންނާނީ ސްކޫލް ކުދިންގެ ޙަރަކާތްތަކާއި ސީޑްސް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ޙަރަކާތްތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ސީނިއަރ ޓީމުގެ އެންގޭޖްމަންޓެއް އޭޕްރީލް މަހުގައި އެބައޮތް. ސީނިއަރ ޓީމު އެނބުރި އައުމުން ކްލަބް މުބާރާތްތައް ފެށޭނީ. އޭގެ ކުރިން އޮންނާނީ ވައިޑީޕީ އާއި އިންޓަރ ސްކޫލް އިވެންޓްތައް،- ފައިޞަލް ވިދާޅުވިއެވެ.
ސީޑްސް ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ކްރިކެޓް ފުޅާކުރުމުގެ މަޤްޞަދުގައި ސީބީއެމްއިން އިސްނަގައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ފުޅާ ދާއިރާއެއްގެ މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ދަށުން މުޅި ރާއްޖޭގައި 5000 ކްރިކެޓަރުން އުފެއްދުމަކީ ސީބީއެމްގެ އަމާޒެވެ.
ކްރިކެޓްގެ ހިންގުން ހަރުދަނާކޮށް، ވައިޑީޕީ ޕްރޮގްރާމްތައް އިތުރުކުރުމާއި، ރާއްޖޭގައި ކްރި ކްރިކެޓްގެ ޙަރަކާތްތައް އްތައް އިތުރަށް ފުޅާކޮށް ހިންގުމަކީ ކްރިކެޓް ބޯޑަށް އިންތިޚާބުވި އައު ރައީސް މުޙައްމަދު ފައިޞަލްގެ ވަޢުދުފުޅެކެވެ.
ކްރިކެޓް ބޯޑުގެ ލަނޑުދަނޑިއަކީ މި ޕްރޮގްރާމުގެ ދަށުން 5000 ކުދިން ކްރިކެޓަށް އަހުލުވެރިކުރުވުމެވެ. އެގޮތުން ކޮންމެ އަހަރަކު 8 ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސް، އެ ރަށްރަށުން އަހަރަކު 1200 ކުދިން ތަމްރީނުކުރުމަކީ އަމާޒެކެވެ.
މި ލަނޑުދަނޑިއަށް ވާޞިލުވުމަށްޓަކައި ސީބީއެމްގެ މި އަހަރުގެ ބަޖެޓުގެ 17 އިންސައްތަ ވަނީ ަނީ ވައިޑީޕީ އާއި ކުޑަކުދިންގެ މެދުގައި ކްރިކެޓްގެ ހުނަރު ތަރައްޤީކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކަށް ކަނޑައަޅާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްރިކެޓްގެ ޙަރަކާތްތައް ފުޅާވެ، ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި ކުޅިވަރަށް ޝައުޤުވެރިކަން އިތުރުވެ، ޤައުމީ ފެންވަރުގައި ކްރިކެޓްގެ ދާއިރާ ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.