އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތަށް، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު ބަދަލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރަން އެދޭ މީހުންނަށް ފުރުސަތު ދޭންވާނީ ފައިސާ ދައްކާފައިވާ ތަރުތީބުން ނަމަވެސް، ވަކި ކަންތައްތަކަކަށް އިސްކަންދީގެންނެވެ.
އުސޫލުގައި ބުނެފައިވަނީ އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަން ދޭންވާނެ ކަމަށާއި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ވާނެ ކަމަށެވެ.
އޭގެ އިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިޔަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިޔަކު ހަމަޖެއްސުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ، ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ، އެ މީހަކު އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވަނީ ފުރުސަތު ދެވޭ އާއިލާގެ މީހަކީ ހައްޖުގެ އަޅުކަން ކުރިން އަދާފައިކޮށްފައިނުވާ މީހަކަށް ވާންވާނެ ކަމަށާއި އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި އާއިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށެވެ.
ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވެފައިވާނަމަ ކަމަށާއި ނަމަވެސް އެމީހުންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު