ގިނަ އަހަރުތަކަކަށްފަހު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން “އައްނޫރުލް މުބީން” ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތް މިއަހަރު އަލުން ބޭއްވުމަށް ނިންމައިފިއެވެ. މި މުހިންމު ޚަބަރު ހާމަކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން، ޓީވީއެމްގެ “މި ވަގުތު” ޕްރޮގްރާމްގައެވެ.
މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތެވެ. އެ މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭގޮތަށް 11 ޤައުމަކުން ބައިވެރިވިއެވެ.
ޕީއެސްއެމްގެ އެމްޑީ ނަސްރީން ވިދާޅުވި ގޮތުގައި، މުޅި އަހަރަށް ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް، ޚާއްޞަކޮށް ރަމަޟާން މަހު ރައްޔިތުން ޝައުޤުވެރިވާ ގިނަ މަޢުލޫމާތުތައް ހިމެނޭގޮތަށް، ތަފާތު އެތައް ޕްރޮގްރާމެއް ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ގެނެސްދޭނެއެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ކޮންޓެންޓްތައް ބައްޓަންކޮށްފައިވާނީ ދީނީ ކަންކަމަށް އިސްކަންދީގެންނެވެ.
މި އަހަރުގެ އެންމެ ޚާއްޞަ ޕްރޮގްރާމްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާކަން ނަސްރީން ފާހަގަކުރެއްވިއެވެ. މި މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވޭނެއެވެ. އަދި ކުރީ ފަހަރަށްވުރެ ފެންވަރު ރަނގަޅުކޮށް، ގިނަ ޤައުމުތަކަކުން އަދި ގިނަ ބައިވެރިން ހިމެނޭގޮތަށް މުބާރާތް ކުރިއަށް ގެންދިއުމަކީ އަމާޒެކެވެ. ޚާއްޞަކޮށް އަވައްޓެރި ޤައުމުތަކާއި މުސްލިމު ޤައުމުތަކަށް އިސްކަންދެވޭނެއެވެ.
މި މުބާރާތަކީ ޕީއެސްއެމްއިން މި އަހަރު ބާއްވާ އެންމެ ބޮޑު އިނާމު ހުށަހަޅާ ޕްރޮގްރާމްކަމަށް ނަސްރީން ވިދާޅުވިއެވެ. އަދި މިއީ ޤައުމީ ފެންވަރުގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެވިގެން ބޭއްވޭ ޕްރޮގްރާމަކަށް ވެގެންދާނެކަމަށް އެމްޑީ ވިދާޅުވިއެވެ.
ކީރިތި ޤުރްއާނާމެދު ދިވެހިންގެ މެދުގައި ލޯބި އިތުރުކޮށް، ރީތި ރާގުތަކާއި ތަޖުވީދާ އެއްގޮތަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މި މުބާރާތް އިފްތިތާޙުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިހާރު ދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެކި ޕާޓްނަރުންނާ މަޝްވަރާކޮށް، ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށެވެ. ޕީއެސްއެމްގެ އަމާޒަކީ ރަމަޟާން މަހުގެ ނިޔަލަށޕީއެސްއެމްގެ އަމާޒަކީ ރަމަޟާން މަހުގެ ނިޔަލަށް މުބާރާތުގެ ޕްލޭނިންގ މަރުޙަލާ ނިންމާލުމެވެ.
މި ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ވާދަވެރި މާޙައުލެއްގައި ޤުރްއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު މުބާރާތެކެވެ. 2018 ވަނަ އަހަރު ބޭއްވުނު “އައްނޫރުލް މުބީން” މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ކުވެއިތުގެ ޢަބްދުﷲ މުޙައްމަދު ކާޘިމް މުޙައްމަދު ކާޘިމް އަލް ޚައްޔާތެވެ. ދެވަނަ ހޯދީ ތުރުކީގެ ބައިވެރިޔާ އެވެ. އަދި މުބާރާތުގެ ތިންވަނަ ހާސިލްކުރީ ދިވެހިރާއްޖެއިން ބައިވެރިވި މ. ވޭވަށު، ފެހިފަރުދާގޭ އަޝްރަޤު ނާޒިރެވެ.
މި އަހަރުގެ މުބާރާތުގައިވެސް ޖަޖުންގެ ގޮތުގައި ތިއްބަވާނީ ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި މުބާރާތް ކުރިއަށްދާއިރު ޚާއްޞަ ކަންތައްތަކެއް ފެނިގެންދާނެކަމަށާއި، މިއީ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑު އިނާމު ހުށަހަޅާ މުބާރާތަށް ވެގެންދާނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެފައިވެއެވެ.
މި މުބާރާތް އަލުން ބޭއްވުމަށް ނިންމުމަކީ ކީރިތި ޤުރްއާނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންނާއި، އިސްލާމީ ތަޢުލީމާއި ސަޤާފަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދިވެހިރާއްޖެއާއި އެހެނިހެން އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤުރްއާން ކިޔެވުމުގެ ފަންނު އިތުރަށް ކުރިއަރައިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު