ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ގިނަ ގުނައަކަށް ދަށްވެފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ދެއްވި މަޢުލޫމާތުގައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވުނު މިންވަރަށް ބަލާއިރު، މޫސުން ގޯސްވެ ވިއްސާރަވުމާއި، ތަޢުލީމީ މުއައްސަސާތަކާއި ސަރުކާރު އޮފީސްތައް ބަންދުވުމާ ގުޅިގެން، ކަރަންޓު ބޭނުންކުރެވުނު މިންވަރު ފާހަގަކުރެވޭ ވަރަށް ދަށްވެފައިވާކަމަށް ވިދާޅުވިއެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި. އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް… pic.twitter.com/8DoSLqHspk
— STELCO (@STELCOMALDIVES) March 2, 2025
އިތުރު ތަފްޞީލު ދެއްވަމުން ސްޓެލްކޯއިން ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު (ހޮނިހިރު ދުވަހު) އެންމެ މަތީ މިންވަރެއްގައި ބޭނުންކުރެވިފައިވަނީ 78 މެގަވޮޓް ކަމަށާއި، ރަމަޟާން މަހުގެ ކުރިން އާންމު ގޮތެއްގައި އެންމެ މަތީ މިންވަރެއްގައި ކަރަންޓު ބޭނުންކުރެވެމުން އައީ އެވްރެޖްކޮށް 100 މެގަވޮޓަށްވުރެ މަތިންނެވެ.
މޫސުން ހޫނުވާ މަސްތަކުގައި، ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން، މި މުއްދަތުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް މަތިވާކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރަމުން ގެންދެއެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެނުގެ ބިލުތަކުން މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވުމަށް ނިންމަވާފައެވެ. ފާއިތުވި އަހަރުވެސް ރަމަޟާން މަހުގެ ބިލުތަކުން ޑިސްކައުންޓް ދެވިފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު