ކޮރަޕްޝަން ނައްތާލެވޭނީ ހުރިހާ ފަރާތްތަކާމެދު ހަމަހަމަކަމާއެކު ޢަމަލުކުރެވިގެންކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:-
ޒަމާނުއްސުރެން މި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އިތުރު 3 މީހަކާއެކު ވެފައިވާ އެއްބަސްވުންތައް ޕީޖީ އޮފީހުން ބާޠިލުކޮށްފިއެވެ. އެއީ:
1. ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރު
2. މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހް އަލީ
3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް
4. ގ. އޮއިވާލި، މުހައްމަދު ހުސައިން
މީގެއިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ވެފައިވާ އެއްބަސްވުން އޮގަސްޓް 2022 ގެ ތެރޭގައި ވަނީ ނިމުމަކަށް ގެނެސްފައެވެ. މިއެއްބަސްވުންތައް ބާޠިލުކުރީ އެފަރާތްތަކުން އެކަށީގެންވާ އެއްބާރުލުން ނުދޭތީއެވެ. އެހެންކަމުން އެއްބަސްވުންތައް ބާޠިލުވުމާއެކު، އެފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤުކުރުމަށް ފުލުހުންނާއި އޭސީސީއަށް އަންގާފައިވެއެވެ.
. އަދީބު މިނިވަންކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.
ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ ނިންމަވާފައިވަނީ އެއްބަސްވުންތައް އެކުލަވާލީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް އަދީބާއި ދެން ތިބި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގު އިދާރާތަކުން އަންގާފައިވާތީއެވެ.
އަދީބު މިނިވަން ކުރީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް އޮންނަ އިހްތިޔާރުގެ ދަށުންނެވެ. އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރީ 2020 ވަނަ އަހަރެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.
ކިޔުންތެރިންގެ ހިޔާލު