ހދ. ވައިކަރަދޫ ކައުންސިލު މެދުވެރިވެގެން އެ ރަށުން ގިނަ އަދަދެއްގެ ގަސްގަހާގެހި އުފުރައިގެން ރަށުން ބޭރުކުރަމުންދާ ކަމަށް ބުނެ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ރަށު ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު އެ ރަށުގެ އަމިއްލަ ފަރާތެއް ކަމަށްވާ އަލީ ރިފްހާނެވެ. މައްސަލަ ބަލައިގަތުމަށްފަހު، ކޯޓުން ވަނީ ބުރާސްފަތި ދުވަހު މައްސަލަ ރައްދުވާ ވައިކަރަދޫ ކައުންސިލަށް އެކަން އަންގައި މައްސަލައިގެ ލިޔެކިޔުންތައް ހިއްސާކޮށްފައެވެ.
އަލީ ރިފްހާންގެ ފަރާތުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ ރަށުގެ ތިމާވެއްޓާއި ގަސްކަރަ ރައްކާތެރިކުރުމަކީ ލޯކަލް ކައުންސިލްތަކުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. ނަމަވެސް ވައިކަރަދޫ ކައުންސިލުން އެ ޒިންމާ އަދާނުކޮށް، އެއްވެސް އުސޫލެއް ނެތި ގަސްތަކާއި ރަށުގެ ކަޅުފަސް ބޭރުކުރުމަށް އެއްބާރުލުން ދެމުންދާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ގިނަދުވަސް ވެފައިވާ ގަސްތަކަށް ގާނޫނީ ހިމާޔަތް ލިބިދީފައިވާކަން ދައުވާގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ދުވަސްވީ ގަސްތަކުގެ ދަފްތަރެއް ތައްޔާރުކޮށް އަދާހަމަކުރުމަކީ ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، ވައިކަރަދޫ ކައުންސިލުން އެކަން ކޮށްފައި ނުވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްގާއި، ދިރިއުޅުމަށް ސާފު އަދި ސިއްހަތަށް ރަނގަޅު ވެއްޓެއް ލިބުމުގެ ހައްގު ކަށަވަރުކުރުމަށް ކައުންސިލް އިހުމާލުވެފައިވާ ކަމަށްވެސް ދައުވާގައިވެއެވެ. ގަސްގަހާގެއްސަކީ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ގުދުރަތީ ވަސީލަތެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރަށުގެ ދުވަސްވީ މުއްސަނދި ކަޅުފަސް ބޭރުކުރުމަކީ ރަށުގެ ކާބޯތަކެތީގެ ވިލުންތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ. އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ ވިހަކުނޑިވައިގެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް ވައި ސާފުކޮށްދޭ ގަސްތަކަކީ މުހިންމު ވަސީލަތެއް ކަމަށާއި، ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގައި ރަށުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ގަސްތަކުގެ ދައުރު ބޮޑުކަންވެސް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އަލީ ރިފްހާން އެދިފައިވަނީ ރަށުގެ ގަސްކަރައަށާއި ފަސްގަނޑަށް ދެމުންދާ ގެއްލުންތައް ވަގުތުން ހުއްޓުވައި، ކައުންސިލުގެ އަމަލުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި ގާނޫނީ ފަރުވާއެއް ކޯޓުން ހޯދައިދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.









ކިޔުންތެރިންގެ ހިޔާލު