މާލޭގެ ގެއަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި އުމުރުން 36 އަހަރުގެ އިސްމާޢީލް އާސިފަކީ، 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ދެއްވި މާފެއްގެ ދަށުން މިނިވަންވެފައިވާ މީހެއްކަން އެނގިއްޖެއެވެ.
ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލަން އުޅުމުގެ ކުށުގައި އާސިފްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ސެޕްޓެމްބަރު 2022 ގައެވެ.
އޭނާގެ ހުކުމް ލުއިކޮށްދީފައިވަނީ 19 ސެޕްޓެމްބަރު 2023 ގައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. 10 އަހަރުގެ ހުކުމް އެންމެ 5 ދުވަހަށް ކުރުކޮށްލުމަށްފަހު، އޭނާ ޖަލުން މިނިވަންކުރީ 25 ސެޕްޓެމްބަރު 2023 ގައެވެ.
އާސިފްގެ މައްޗަށް 10 އަހަރުގެ ހުކުމް އައީ 2019 ވަނަ އަހަރު އއ. މާޅޮސް ކައިރީގައި އޮތް ‘ޖަރީ’ ނަމަކަށް ކިޔާ ދޯންޏެއްގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި އޭނާ ވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާޢީލް ހައްމާދާ ދެބަސްވެ، އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ކަނޑަށް ވައްޓާލާފައެވެ. ހައްމާދު ސަލާމަތްވީ ފަތާފައި އެއްގަމަށް އެރުމުންނެވެ.
އިބްރާހީމް އަހްމަދު (މަނިކު ސޭޓު)ގެ ގެއިން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އާސިފް މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާއަކީ މަނިކު ސޭޓުގެ އާއިލީ މީހަކަށް ވާއިރު، ވައްކަން ކުރި ދުވަސްވަރު ގޭގައި ހުރީ އޭނާ އެކަންޏެވެ. މީގެ އިތުރުން، މިދިޔަ އަހަރު އޭނާގެ ކޮއްކޮއާ ގުޅުންހުރި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު