ޑެންގީ ހުން ޖެހިގެން ހާލަތު ސީރިއަސްވި 23 އަހަރުގެ ޒުވާނަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، މި ޒުވާނާއަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ފުރަތަމަ ހުން އައިސްގެން ފަރުވާ ހޯދީ ށ. މިލަންދޫގައެވެ. އެއަށްފަހު ހާލަތު ގޯސްވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކޮށް، އިއްޔެގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. މިލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެ ރަށުގައި ޑެންގީ ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.
މިދިޔަ ނޮވެމްބަރުން ޖެނުއަރީއަށް: 30 ކޭސް
ރަމަޟާން މަހު އެކަނި: 15 ކޭސް
އޭޕްރީލް މަހު މިހާތަނަށް: 5 ކޭސް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޑެންގީ ޖެހޭ މިންވަރު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ.
ޑެންގީ ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު