އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ 3 ގޮނޑިއަކަށް މީހުން އިންތިޚާބުކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުގެ އިތިރު ބުރެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އީސީން ވަނީ ނިންމާފައެވެ.
އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެން މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ.
ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުން
- ކެންޑިޑޭޓް ނަންބަރު 3، ޕީއެންސީގެ ކެންޑިޑޭޓް، ޢާއިޝަތު މުނާ، ބ. ދޮންފަން / މީނާޒް
- ކެންޑިޑޭޓް ނަންބަރު 4، އެމްޑީޕީގެ ކެންޑިޑޭޓް، އާމިނަތު ރަފާހް، ބ. ދޮންފަން / ރިލެކްސް
ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުނަށް ޚާއްޞަ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުން
- ކެންޑިޑޭޓް ނަންބަރު 3، ޕީއެންސީގެ ކެންޑިޑޭޓް، ޢާއިޝަތު ޢަބްދުލްޤާދިރު، ޏ. ފުވައްމުލައް / ދަޑިމަގު. ޕްލާޒާ
- ކެންޑިޑޭޓް ނަންބަރު 4، އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޝީޒާ އިބްރާހީމް، ޏ. ފުވައްމުލައް / ދަޑިމަގު. އޯކިޑުމާގެ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.
ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުން
- ކެންޑިޑޭޓް ނަންބަރު 1، އެމްޑީޕީގެ ކެންޑިޑޭޓް، މަހުދިއްޔާ އާދަމް، ހއ. ކެލާ / ރަންވެލި
- ކެންޑިޑޭޓް ނަންބަރު 2، ޕީއެންސީގެ ކެންޑިޑޭޓް، ޙައްވާ ފަޒުނާ، ހއ. ކެލާ / ކަނި
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން
- ކެންޑިޑޭޓް ނަންބަރު 2، ޕީއެންސީގެ ކެންޑިޑޭޓް، ފާޠިމަތު ރިއުޒާ، ހދ. ނޭކުރެންދޫ / ސިލްވަރ
- ކެންޑިޑޭޓް ނަންބަރު 3، އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ފާޠިމަތު ނިޝާދާ، ހދ. ނޭކުރެންދޫ / ނިރު
ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން
- ކެންޑިޑޭޓް ނަންބަރު 6، ޕީއެންސީގެ ކެންޑިޑޭޓް، ފާޠިމަތު ޝާފިޔާ، ލ. މާވަށް / އިތާ
- ކެންޑިޑޭޓް ނަންބަރު 7، އެމްޑީޕީގެ ކެންޑިޑޭޓް، މަރްޔަމް މާޢިޝާ، ލ. މާވަށް / ވެޔޮހިޔާ
އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު