ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު، ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
ހައުސިން މިނިސްޓްރީން ބުނީ ތުޅާދު އާއި ވިލުފުށީގެ ހައުސިންގ ޔުނިޓުތަކަށް އެދުމުގެ ފުރުސަތު މިމަހުގެ 30 އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅޭނީ “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށެވެ.
ވިލުފުށި 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވާއިރު، ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 347 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު