އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް ބުނެ މަގާމުން ވަކިކުރި ދެ ބޭފުޅުންގެ މަގާމު އިޔާދަކުރަން ނިންމައިފިއެވެ.
މަގާމުން ވަކިކުރީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބުގެ (އިދާރީ) މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު އާއި އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފެވެ.
އެނގިފައިވާގޮތުގައި ޣަފޫރު މިހާރު ވަނީ އެ ދެ ބޭފުޅުންގެ މަގާމު އިޔާދަކުރަން ނިންމާފައެވެ.
ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެފައިވެއެވެ. އެ ވިދާޅުވާ މައްސަލަ ހައްލުވުމަކީ އެ ދެ ބޭފުޅުންނަށް އަލުން މަގާމު ދިނުންކަން މިވަނީ ކަށަވަރުވެފައެވެ.
ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެގެން މަގާމުން ވަކިކުރި ބަޔަކަށް ކުއްލިގޮތަކަށް އަލުން މަގާމު ދޭން ނިންމުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެ ދެ ބޭފުޅުންގެ މަގާމު އިޔާދަކުރަން ނިންމުމުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފެކްޝަނުން ހުށަހެޅި ޣަފޫރުގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ އަނބުރާގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު