މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިޢުލާން ކުރަން ފަށައިފިއެވެ.
މިމަހުގެ 4 ވަނަ ދުވަހު ވަނީ 3 ވޯޓެއް ކުރިއަށްގެންގޮސްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. މި ވޯޓުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. މީގެ އިތުރުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވާ ފޮށިތައް އަލުން ގުނުމަށްފަހު އެ ފޮށިތަކުގެ ނަތީޖާވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކުރަމުންދާނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ވަގުތުންނެވެ.
މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައިރު އޭގެ ތެރެއިން %73 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފައެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ހިޔާލު