މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރުކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގައި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
މި މަހުގެ 18ވާ ހޮނިހިރު ދުވަހު ދެވަނަ ބުރު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު
ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވާކަމަށެވެ. މި ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު އެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ޙައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ. އެ ފުުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު