މެދިއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އެއް އިންސައްތަ މިއަހަރު މަޑުޖެހޭނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން އަންދާޒާކޮށްފިއެވެ.
އޭޑީބީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައިކަމަށެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 5.4 އިންސައްތައާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ނަމަވެސް، ހަނގުރާމައިގެ ހާލަތު ނިމުމަކަށް އައިސް ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ތިން އިންސައްތައަށް އުފުލޭނެ ކަމަށްވެސް އޭޑީބީން ލަފާކުރެއެވެ.
އޭޑީބީގެ ރިޕޯޓުގައިި ބުނެފައިވާގޮތުން ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ފަހެއް އިންސައްތައަށް އުފުލޭނެއެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެގި 500 މިލިޔަން ޑޮލަރުގެ ސްކޫލު މިއަހަރުގެ ތެރޭގައި އަދުގެ ސަރުކާރުން ދެއްކުމުގެ ސަބަބުން ރާއްޖޭގެ ދަރަނި އަދި ފިސްކަލް ޙާލަތަށްވެސް ބޮޑު ކުރިއެރުމެއް ލިބުނުނަމަވެސް ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް އަސަރުކުރާނެއެވެ.
ސުކޫކް ދެއްކިނަމަވެސް އޭޑީބީން ބުނެފައިވާގޮތުގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް އަދިވެސް ހުރީ ޖީޑީޕީގެ 130 އިންސައްތާގައެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން 10 އިންސައްތައަށް ކުރިއެރިކަން ފާހަގަކޮށްފައިވީނަމަވެސް، އޭޑީބީން އަންދާޒާކުރާ ގޮތުގައި ހަނގުރާމައިގެ ހާލަތުގައިވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރުވެސް އިތުރުވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު