އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލިޔަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ގަޕޯ މިއަދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ބޭނުމިއްޔާ މަގާމުން ވަކިކުރަން ފެނޭތޯ ވޯޓެއް ނަގަންވީ ކަމަށެވެ.
ގަޕޯ މަގާމުން ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު މިހާރު ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުމުގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ މައްސަލަ އަނެއްކާވެސް ހޫނުވީ ކުއްލިގޮތަކަށް އެ ޕާޓީގެ ޑެޕިޔުޓީ ޗެއާޕާސަން ކަމުން އިބްރާހީމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރުކަމުން އަހްމަދު މައުރޫފް ވަކިކުރުމުންނެވެ.
އެ ދެ ބޭފުޅުން ވިދާޅުވީ މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުވާލުކުރުމުން ގަޕޯ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ކަންކަން ކުރިއަށްގެންދަން ޑެޕިޔުޓީ ޗެއާޕާސަން އަހްމަދު އަބްދުﷲއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު