ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށް ބުނެ އިސްތިއުމާރީ ސިފައިން ލުބުނާނަށް ވަރުގަދައަށް ބޮންއަޅައިފިއެވެ.
ލުބުނާނުގެ ތިން ތަނަކަށް ޒަޔަނިސްޓު ޓެރަރިސްޓުން ބޮންއަޅާފައި ވެއެވެ.
ޓެރަރިސްޓުން ބޮންއެޅި އެއްތަނަކީ ލުބުނާނުގެ ދެކުނުގެ ސައީދާ އަވަށުގައި ހުރި ކެފޭއެކެވެ. މި އުދުވާނީ ހަމަލާގައި 8 މީހުން މަރުވެ، 22 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނު ސަރުކާރުން ބުނެއެވެ. މަރުވި އަދި ޒަޚަމްވި ހުރިހާ އެންމެންނަކީވެސް އާންމު ރައްޔިތުން ކަމަށް ލުބުނާނުން ބުނެއެވެ.
މީގެއިތުރުން، ލުބުނާނުގެ ދެކުނުގެ ތައީރަށްވެސް ބޮން އެޅުމުގެ އިތުރުން، އެ ރަށުން އާންމުން ނުކުންނަންވެސް ޒަޔަނިސްޓު ސިފައިން ގެންދަނީ އަމުރުކޮށް ބިރު ދައްކަމުންނެވެ.
އަދި ލުބުނާނުގެ ދެކުނުގެ އަލް ޤަލީލާގެ މަގަކުން ދަތުރުކުރި އެމްބިއުލެންސަކަށްވެސް ޓެރަރިސްޓުން ބޮންއަޅާފައި ވެއެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނަށް ބޮންއަޅަން މިފެށީ، އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފައި ވަނިކޮށެވެ.
ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލިކަން ޓްރަމްޕް އިއުލާން ކުރިފަހުން އެކަން އީރާނުންވެސް ކަށަވަރުދީފައި ވަނިކޮށް މުޖުރިމު ނަތަންޔާހޫގެ އޮފީހުން ބަޔާނެއް ނެރުނީ އޭގެ 4 ގަޑިއިރު ފަހުންނެވެ.
އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 2 ހަފްތާއަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށެވެ.
އެކަމަކު، ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުން އިއުލާން ކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ މެސެޖްގައި، ލުބުނާނު ހިމެނިފައިވާކަން ހާމަ ކުރައްވާފައި ވެއެވެ. އެއީ އީރާނުގެ ޑިމާންޑެކެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނަށް ބޮންއަޅަން ފެށުމުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް މިހާރުވަނީ އިސްރާއީލަށް އިންޒާރެއް ނެރެފައެވެ.
އެ އިންޒާރުގައި ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކޮށް ލުބުނާނަށް ބޮންއެޅުން ހުއްޓާނުލައިފިނަމަ ތެލް އަވީވަށާއި، ސަރަހައްދުގެ އެހެން ތަންތަނަށް ހަމަލާތައް ދޭން ފެށުމަށް އީރާނުގެ މިސައިލް ޔުނިޓަށް އަންގަން ޖެހިދާނޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު