ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ބުނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ފަރުހާދު ފިކުރީ މިހާރުވެސް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި، ފުލުހުންގެ މުއައްސަސާގެ ހިދުމަތުގައެވެ.
ފަރުހާދަކީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި މީގެކުރިން ހުންނެވި އިސްމާއީލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމުން ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވި ބޭފުޅާއެވެ. ފަހުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލުމުން ފަރުހާދުވެސް އެ މަގާމަށް ކުރިމަތިލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު